ޝައިޚް ރަބީޢު ބިން ހާދީ (رحمه الله) ވިދާޅުވިއެވެ:[1]

“ބިދުޢައިގެ އަހުލުވެރިންގެ ތެރެއިންވާ ކޮންމެ މީހެއްގެ ކިބައިގައިވެސް، ވެރިމީހާއާ ދެކޮޅަށް ނުކުތުމަށް ލެނބުމެއްވެއެވެ. ޚާލިޞް ސުންނަތުގެ އަހުލުވެރިން ފިޔަވައި، މި މައުޟޫޢުގައި ސާފު (ކިލަނބުކަމެއްނެތް) މީހަކު ތިބާއަކަށް ނުފެންނާނެއެވެ.”
ޝއިޚް އަބޫ އިޔާޟް އަމްޖަދް ބިން މުޙައްމަދު ރަފީޤު حفظه الله ވިދާޅުވިއެވެ.
ވެރިކަމާއި ވެރިންނާ ދެކޮޅަށް ނުކުތުމުގެ މައްސަލައަކީ، ސުންނަތުގެ އަހުލުވެރިންނާއި ބިދުޢައިގެ އަހުލުވެރިން ވަކިކޮށްދޭ އެންމެ ބޮޑު އެއް އަސާސެވެ. އަދި ސާފު، ބަޔާންވެގެންވާ، ކިލަނބުކަމެއްނެތް ސުންނަތުގެ އަހުލުވެރިން، އެނޫން މީހުންނާ ވަކިކޮށްދޭވެސް މައިގަނޑު އަސާސެވެ.
މީގެ ސަބަބަކީ، މި އަސާސަކީ ޢަޤީދާ އަދި ޢަމަލާވެސް ގުޅިފައިވާ ކަމަކަށް ވުމެވެ. ޢަޤީދާއަށް ބަލާއިރު، ކޮންމެ މުސްލިމަކުވެސް ބައެއް ޢަމަލުތަކަކީ ޙަރާމް އަދި ބޮޑެތި ފާފަތައްކަން ޤަބޫލުކޮށް އީމާންވި ނަމަވެސް، އެމީހުންގެ އެދުންތަކާއި ޖަޒުބާތުތައް އެ ޔަޤީންކަމުގެ މައްޗަށް ގަދަވެގަނެ، އެ ފާފަތަކުގެ ތެރެއަށް އެމީހުން ވައްޓާލައެވެ. ހަމަ އެފަދައިން، ސުންނަތުގެ އަހުލުވެރިންނާއި ސަލަފުންގެ މަގުގައި ތިބޭ މީހުން، މި އަސާސާމެދު ފުރިހަމަ ޔަޤީންކަން ގެންގުޅެއެވެ. އަދި އެ ޔަޤީންކަމުގެ ވަރުގަދަކަމާއި ސާފުކަމަކީ، ކޮންމެ ޙާލަތެއްގައިވެސް އެއާ ޚިލާފުނުވެ، އެއަށް ތަބާވުމަށް އެމީހުންނަށް ބާރުއަޅާ ކަމެކެވެ.
އެހެންނަމަވެސް، ޙާލަތު ނިޔާކުރާގޮތުންނާއި، އަމިއްލަ އެދުންތަކާއި ދަހިވެތިކަން އެކުވުމުން، އެ ސާފުކަން ނެތް ބައެއް މީހުން އެ ޢަޤީދާއާ ޚިލާފަށް ޢަމަލުކޮށްފާނެއެވެ. އަދި ބަހުން ނުވަތަ ޢަމަލުން ނުވަތަ މި ދެގޮތުންކުރެ ގޮތަކުން ވެރިންނާ ދެކޮޅަށް ނުކުތުމުގެ ތެރޭގައި ޝާމިލުވެދާނެއެވެ.
އެހެންކަމުން، މިއީ ސުންނަތާއި އޭގެ އަސާސްތަކަށް މާތްކޮށްހިތާ، ސާފު އަދި ކިލަނބުކަމެއްނެތް ސުންނަތުގެ އަހުލުވެރިން، އެނޫން މީހުންނާ ވަކިކޮށްދޭ އެންމެ މުހިންމު އެއް މައްސަލައެވެ. އަދި އެ ތަފާތު ފާޅުކޮށްދެނީ ފިތުނަތަކާއި އިމްތިޙާނުތަކުގެ ވަގުތުގައެވެ.
އަދި ހަމައެހެންމެ، ޝައިޚް ރަބީޢު ފަދަ ރައްބާނީ ޢިލްމުވެރިންގެ ބަސްފުޅުތަކުގައި “ނަޤިއްޔު” (ސާފު، ކިލަނބުކަމެއްނެތް)، “ޚުއްލަޞް” (ޚާލިޞް)، “ވުޟޫޙް”، “ވާޟިޙީން” (ބަޔާންވެގެންވާ މީހުން)، މިފަދަ ލަފުޒުތައް މަންހަޖާއި މަވްޤިފުތަކާއި ގުޅުވައިގެން ބޭނުންކުރައްވާތަން ފެންނަ ސަބަބަކީވެސް މިއީއެވެ. އެއީ އަޅުކަމާއި ކިޔަމަންތެރިކަމާ ގުޅުވައިގެން ތަޤުވާވެރި އަދި ޞާލިޙު ފަދަ ލަފުޒުތައް އަހަރެމެން ބޭނުންކުރާ ފަދައިންނެވެ.
އެހެންނަމަވެސް، މި ބަސްމަގަށް ފުރައްސާރަކޮށް، މަލާމާތްކުރާ ބަޔަކު އުޅެއެވެ. އަދި ޢިލްމުވެރިން މިކަމަށް އަހަންމިއްޔަތުކަން ދެއްވާފައިވާތީ، މިކަމަށް އަހަންމިއްޔަތުކަންދޭ މީހުންގެ އަގުވައްޓާލަން މަސައްކަތްކުރާ ބަޔަކުވެސް އުޅެއެވެ. ފަހެ، ބައެއްގެ ފަރާތުން މިފަދަ ފުރައްސާރައިގެ ނިޝާންތައް ފެނި، އޭގެ ފަހުގައި އެމީހުންގެ އަތްތައް ވެރިންނާ ދެކޮޅަށް ނުކުތުމުގެ ތެރޭގައި ކިލަނބުވެފައިވާތަން ތިބާއަށް ފެނިއްޖެނަމަ، އަދި ހަމައެއާއެކު މި އަސާސަށް މާތްކޮށްހިތައި، އެއަށް ގޮވާލައި، އޭގެ ދިފާޢުގައި މަސައްކަތްކުރާ މީހުންނަށް މަލާމާތްކޮށް ފާޑުކިޔާތަން ފެނިއްޖެނަމަ، ފަހެ ތިބާއަށް އެދެމެދުގައިވާ ތަފާތު ވަރަށް ރަނގަޅަށް ސާފުވެ ބަޔާންވެއްޖެއެވެ.
ފުޓްނޯޓް:
ކޮމެންޓްތައް
0